Monday, August 8, 2016



ގޮތް ނޭނގޭ ކުރީމް...

(މަރިޔަމް ނާހިޔާ/12 އޭ)


މި ޒަމާނުގައި މީހެއްގެ އަސްލު ޤުދުރަތީ ސިފަ ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. މިހާރު އުޅޭ އަންހެންކުދިންގެ މޫނުގެ ކުލައާއި ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ކުލަ އުޑައި ބިމާހާ ތަފާތެވެ. މޫނުގެ ކުލަ ވަކިން ޙާއްސަ ގޮތެއްގައި ރީތީކީނޫނެވެ. އެކިކަހަލަ ކުރީމް ތަކާއި އަގުބޮޑެތި ސާރޖަރީތައް ހަދައިގެން ސިފައެއްކޮށް ބަދަލުކޮއްލަނީއެވެ. ކިތައްމެ ކަޅު މީހަކުވެސް ހަފުތާއެއްގެ ތެރޭގައި ޔުރަޕުގެ އެންމެ ދޮންމީހުންނާ އެއްވަރަށް ހަންގަނޑުގެ ކުލަ ބަދަލު ކޮއްލެވެއެވެ.
އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކުއްޖެކެވެ. ނީމްގެ ހަންގަނޑުގެ އާއިލާގެ އެހެން ކުދިންގެ ހަންގަނޑަށް ވުރެ ތަފާތެވެ. ހަމުގެ ކުލަ އަނދިރިވެފައި ކަޅުކަން ގަދައެވެ. އެހެންކަމުން އަބަދުވެސް ތަފާތު ވައްތަރުގެ ކުރީމްތައް ބޭނުން ކުރެއެވެ. ނަމަވެސް މި އެއްޗެއްސަކުން އެއްވެސް އަސަރެއް ނީމްގެ ހަންގަނޑަކަށް ނުކުރެއެވެ. މިކަމާ އަބަދުވެސް ޝަކުވާކުރެއެވެ. އެ އުނގުޅާ އެއްޗެހިން ހަންގަނޑަށް ބަދަލު ނާންނާތީއެވެ. އަދައިގެ މަތިން އިސްކޫލުން އައިސް ނީމް ޓީވީ ބަލަން އޮށޯތެވެ. ކުއްލިއަކަށް ބަދަލު ކޮއްލެވުނު ޗެނެލަކުން ދައްކަމުން ދިޔައީ ފޭޝަލް މާރސްކެއް ހަދާނެ ގޮތެވެ.

ވީ އުފަލެއްގެ ބޮޑުކަމުން ސޯފާމައްޗަށް ދެފައި އަރުވައި ފައި ވަށްކޮއްލީ ޕުރޮގުރާމަށް އިތުރު ޝައުޤުވެރިކަމެއް ދެމުންނެވެ. އެހެން އިނދެފައި ލުއިގޮތަކަށް ނީމް ހޭން ފެށީ އެނާއަށް އަމިއްލައަށް ހަދާލެވޭނޭކަހަލަ އެއްޗެއްގެ ވާހަކަ ބުނުމުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ސޯފާ މައްޗަށް ކޮޅައް އަރައި "ތިމަންނަ ދޮންވަނީ" އޭ ކިޔާ ފުންމަންފެށިއެވެ. ކުއްލިއަކަށް މުޅި ތަނަށް ތޫރި ހަލޭކެއްގެ އަޑު ފެތުރުނީ ސޯފާމަތިން ބަނޑުވަތަށް ނީމް ވެއްޓުމުންނެވެ.


ހުކުރު ދުވަހުގެ ހުކުރުވަގުތެވެ. ބަންޤި ގޮވުމުގެ ފަނަރަވަރަކަށް މިނެޓް ކުރިން ނީމް އިނީ މިސްކިތުގައެވެ. އޭއީ އޭނާ އޮތީ އެންމެން ހުކުރުން އައުމުގެ ކުރިން ފޭޝަލް މާރސްކު ހަދާގޮތަށް ނިންމާގެން ކަމުންނެވެ. އިމާމުމީހާ ސަލާންދިންހެން ހީވެސްނުވެ ނީމް ހުރީ މިސްކިތުން ބޭރުގައެވެ. މަންމަ ނަމާދު ކޮއްގެން އައުމުގެ ކުރިން އަވަހަށް ގެއަށް ދެވޭތޯ ފޮށާ ދެއަތައް އޮޅާލުމަށްފަހު ދުއްވައިގަތެވެ. ދެވަރަކަށް މިނެޓް ތެރޭ ނީމް ހުރީ ގޭގައެވެ. ގެއަށް އައިސް އެންމެ މިނެޓެއްވެސް ލަސްނުކޮއް ނީމްފެށީ އޭނާގެ މަސައްކަތައިގެން ނެވެ. ސިއްރު ސިއްރުން ފިޔަވަޅުތަކެއް އަރަމުން ނީމްގޮސް ބަދިގެއަށް ވަނެވެ. އަދި އޭނާ ބޭނުންވެގެން އުޅޭ އެއްޗެއް ހޯދަން ފެށިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅާ ގަތީ ދުރުގައި އަޅުވައިފައިހުރި ކޮތަޅު ތަކެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދުއްވާގަނެގެން ގޮސް ކޮތަޅުތައް ހާވަން ފެށިއެވެ. ކުއްލިއަކަށް ބަދިގެ ދޮރު ހުޅުވުނު އަޑަށް ނީމްގެ ލޯ މުތުނަށް އެރިއެވެ. ކޮތަޅަކާއި ކޮތަޅެކެވެ. އެންމެ އަވަހަށް ނެގުނު ކޮތަޅު މުށުތެރެއަށް ލައި ފޮރުވުމަށްޓަކައި ހެދުމުގެ ކަރުވަޅު ތެރެއަށް ކޮއްޕާލިއެވެ. އަވަހަށް ދުވެފައި ގޮސް ކޮޓަރި ތެރެއަށް ވަނެވެ. އަދި ފުންނޭވާ އެއް ދޫކޮއްލިއެވެ.


ނީމްއަކީ ކައްކާ ސާމާނާބެހޭގޮތުން މާކަބޮޑު އެއްޗެއް އެނގޭ ކުއްޖެއްނޫނެވެ. އޭނާ ނެގި ކޮތަޅުގައި އެއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނެތެވެ. ނެގުނީ ރަނގަޅު ކޮތަޅުކަމަށް އަމިއްލައަށް ނިންމާ އުފަލުން ހުރެ އޭގެން ފޭޝަލް ކުރީމެއް ހަދާލިއެވެ. ލަހެއްފަހެއްނުވެ ކުރީމް ނޫނުގައި އުނގުޅަން ފެށިއެވެ. އުނގުޅަމުން ދިޔަވަރަކަށް މޫނުން ދިލަނަގަމުން ދިޔައެވެ. ނަމަވެސް ނީމް ނިންމީ އެއީ ކުރީމްގެ އަސަރު ކުރަނީކަމަށެވެ. އެހެންވެ އެކަމަކަށް މާކަބޮޑު ސަމާލުކަމެއް ނުދީ އެނގުޅަމުން ދިޔައެވެ. ނަމަވެސް ފަހަރަކަށް ވުރެ ފަަހަރެއް ދިލަނެގުން ބޮޑުވަމުން ދިޔައެވެ. އެންމެފަހުން ކެތްނުކުރެވޭވަރުވުމުން މޫނު ދޮވިއެވެ. އެހެންނަމަވެސް ދިލަނެގުމަކަށް ބަދަލެއް ނާދެއެވެ. މަންމާ! މަންމާ! އޭ ކިޔާ ގޮވަމުން ކޮޓަރިން ނިކުތެވެ. ކަންތައްވީގޮތް މަންމައަށް ކިޔާދިނެވެ. އަދި ފޭޝަލްކުރީމް ހަދަން ބޭނުންކުރަން ގެންގުޅުނު ކޮތަޅު ދެއްކުމުން މަންމަގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޓީވީންދެއްކި ޕުރޮގުރާމުގައި ބުނީ ކައްކަން ބޭނުންކުރާ ރީނދޫ ބޭނުންކޮއްގެން ފޭޝަލު ކުރީމެއް ހެދުމަށެވެ. ނަމަވެސް ނީމްއަށް ރީނދޫގެ ބަދަލުގައި ބޭނުންކުރެވުނީ ކުކުޅު ހަވާދެވެ. ދޮންވާން ބޭނުންވިޔަސް މީދެން ބޮޑުވަރެވެ!


 

No comments:

Post a Comment